އަދަދު ނޫހުގެ ލީވާން އާއި ޝަހްޒާން

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ޖަލަށްލީ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

ހައިކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދެ ނޫސްވެރިންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ މިހާރު ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. މައްސަލަ ބަލައިގަތް އިރު، ލީވާން ވަނީ އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައެވެ. ނަމަވެސް، ޝަހުޒާން އަދިވެސް ހުރީ ހުކުމް ތަންފީޒު ކުރުމަށް ބަންދުގައެވެ.

މި ދެ ނޫސްވެރިންގެ މައްޗަށް ޖަލު ހުކުމެއް އައީ "އަދަދު" ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރާ" ނުވަތަ މައުލޫމާތު ހާމަކުރުން މަނާކުރާ އަމުރާ ޚިލާފުވި މައްސަލައިގައެވެ.

ނޫސްވެރިން ޖަލަށްލީ މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތައް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ޖަމިއްޔާތަކުން ވަނީ ބަންދުގައި ތިބި ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް