ަމަރުވި ޓައިވަރުންގެ ހަށިތައް އިޓަލީއަށް ގެންގޮސްފި

ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާގައި މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިއަދު އެގައުމަށް ފޮނުވާލައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އިޓަލީގެ ފަސް ޑައިވަރުން ގެއްލުނު މި ހާދިސާގައި، އެންމެ ފުރަތަމަ ފެނުނު ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ އިޓަލީއަށް ގެންގޮސްފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ބޭރުންނެވެ.

މި ހަށިތައް ނެގުމަށް ކުރިއަށްގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން، ރިކަވަރީ ޓީމުގައި ހިމެނުނު ދިވެހި ޑައިވަރު މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.\

ހޮހަޅައިގެ އެންމެ އެތެރޭގައި ހުރި ޗެމްބަރުތަކުން މި ހަތަރު މީހުންގެ ހަށިގަނޑު ހޯދާފައިވަނީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ އެހީތެރިކަމާއެކު މިދިޔަ ހަފުތާގައެވެ.

މި ހަށިތައް ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު އަޑިންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ޑައިވް ކުރުމުގެ ހުއްދަ ދެވިފައިވާ އެންމެ ފުން މިނަކީ 30 މީޓަރު ނުވަތަ 98 ފޫޓެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ދެ ތަހުގީގެއް މިހާރު ދަނީ ހިންގަމުންނެވެ. އެއީ އިޓަލީގެ ފަސް ޑައިވަރުން މަރުވި މައްސަލައިގެ ތަހުގީގާއި، ހަށިތައް ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މަހުދީ ނިޔާވި މައްސަލައިގެ ތަހުގީގެވެ.

މި ހާދިސާގައި މަރުވި ޑައިވަރުންގެ ހަށިގަނޑުތައް އޮޓޮޕްސީ ހަދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ކެމެރާތަކުން ލިބޭ މައުލޫމާތުގެ އަލީގައި މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމުގެ މަސައްކަތް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް