ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް ޤާއިމްކޮށްފި

ހިމަބިހި ކޭސްތައް ފެންނަމުން ދާތީ ހުމާއި ރަތްބިހީގެ ޢަލާމާތްތައް ހުރި ފަރާތްތަކަށް އެހީވުމަށް އައިޖީއެމްއެޗްގައި ޚާއްސަ މޭޒެއް ގާއިމުކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި މީހުންގެ ކުއްލި ފަރުވާ ދޭ ބައި (މެއިން އީ.އާރް) ގެ އެމްބިއުލަންސް ޕޯޓިކޯ ކަރިީގައި "ހެލްޕް ޑެސްކް" އެއް ޤާއިމްކޮށްފައިވާ ކަމަށެވެ. މި ހެލްޕް ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ 08:00 އިން 23:00 އަށެވެ.

އައިޖީއެމްއެޗުން ވަނީ އެއްވެސް މީހެއްގެ ކިބައިން ހުމާއެކު ރަތް ކުލައިގެ ބިހި ނެގުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ރޭގަނޑު 11:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލި މީހުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލަށް ވަޑައިގެން، ބޮޑެތި މީހުންނާއި މާބަނޑު އަންހެނުންނަމަ، މެއިން އިމަރޖެންސީ ރޫމްގެ ޓްރައިއޭޖުގެ ނަރުހަށް އެކަން އެންގުމަށް އަދި ކުޑަކުދިންނަމަ، ކުޑަކުދިންގެ އިމަރޖެންސީ ރޫމްގެ ޓްރައިއޭޖް ނަރުހަށް އެކަން އެންގުމަށް އެދިފައެވެ.

އެ ހޮސްޕިޓަލުން ބުނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލި މީހުން ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު، މާސްކު އެޅުއްވުމަށާއި، ބަލި މީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ވަޑައިގަތުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް