ބައެއް ސަރަހައްދުތަކަށް ދަނީ ކަރަންޓު ދެމުން: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ދެނެގަނެ، ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.

މުޅި މާލެ ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރު 12:00 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މާލެއާއި ހުޅުމާލޭގެ އިންޖީނުތައް އަލުން ހިންގައި، އެކި ހިސާބުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ނަމަވެސް، އަދިވެސް ގިނަ ސަރަހައްދުތަކަކަށް ކަރަންޓު ނުލިބޭކަން ފާހަގަކުރެވެއެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބު ސްޓެލްކޯއިން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހެނދުނު އެތަނުގެ އިންޖީނުތައް ނިއްވާލާފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ވަނީ ނިންމާލެވިފައެވެ. އަދި ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަސްޓަމަރުންނަށް ދުރާލާ އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ޚާއްޞަކޮށް ހުޅުމާލޭގެ ހިޔާ ސަރަހައްދުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް، މުޅި މާލެ ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑުމަކީ ނިސްބަތުން ބޮޑު އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް