ދުވާފަރުގެ އެމްޑީޕީ އާންމު މެންބަރުންނާ އެކު ނަޝީދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކިބައިން މައާފަށް އެދެންޖެހޭނީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރ. ދުވާފަރުގައި ބޭއްވި ބައްދަލުވުމެއްގައި، އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަތުމަކީ ހެއްދެވުނު ގޯހެއް ކަމަށް ބުނެ، މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް މެމްބަރަކު އެދުމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ލިބުނު ނަމަވެސް، އެ އަހަރު ނިމުނުއިރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނާ މުއާމަލާތް ކުރުން ހުއްޓާލައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދިއުމާއި، އެމަނިކުފާނާ ގާތް ގުޅުމެއް އޮންނަ ފަރާތްތައް ޕާޓީން ވަކިކުރުމަށް ކުރި މަސައްކަތްތަކަކީ ޕާޓީ ދޫކޮށްލަން ޖެހުނު މައިގަނޑު ސަބަބުތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވި ސަބަބުތަކުގެ ތެރޭގައި، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމާއި، އެމަނިކުފާނާ އަރިސް ބޭފުޅުން ޕާޓީން ވަކިކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އަވަހާރަކޮށްލުމަށް ތިން ތަނެއްގައި ބޮން ހަރުކޮށް، އޭގެ ތެރެއިން އެއް ތަނެއްގައި އެއްޗެއް ގޮއްވާލި. އެ ހަމަލާގެ ތަހުގީގުތައް ކުރިއަށްދިޔަ ގޮތާއި، އެންމެ ފަހުން ހަސަން ލަތީފާއި، އީވާ އާއި، އިލްޔާސް ލަބީބުގެ އިތުރުން ވައްޑެ ޕާޓީން ވަކިކުރުމަށް ކުރި މަސައްކަތްތަކުން އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރި. އޭރު އާޒިމް ވަނީ ވަކިކޮށްފައި. އެ ބޭފުޅުން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުމަކީ އަޅުގަނޑަށް އެ ޕާޓީގައި އިތުރަށް ހުންނަން އުނދަގޫވި ސަބަބެއް،" ދުވާފަރުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ކުރެވުނު ކަންކަމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. ހަމައެއާއެކު، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ ތަފްސީލީ ސަބަބެއް ބަޔާނެއް ނުކުރައްވައެވެ.

"އަޅުގަނޑުގެ ފަރާތުން ވެސް ގޯސްތަކެއް ކުރެވިފައި ހުރެދާނެ، އެކަމަށް އަޅުގަނޑު މައާފަށް އެދެން. ހަމައެފަދައިން ތިބޭފުޅުން ވެސް އަޅުގަނޑުގެ ކިބައިން މައާފަށް އެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް