ދިފާޢީ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފި -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯ، މިނިސްޓަރ އޮފް ޑިފެންސް ހަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދިފާއީ އަދި ދެގައުމުގެ މިހާރަށްވުރެ ހަރުދަނާކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ އާ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ރާއްޖޭގެ ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް