މިއަހަރުގެ އަޟްޙާ ޢީދު ބަންދާ ދިމާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ދަތުރުވެރިން ވަގުތަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން އިލްތިމާސްކުރައްވައިފިއެވެ.
އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި، ޢީދު ބަންދާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވޭތީ، މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓު ބޭނުންކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުން މުހިންމެވެ. ޚާއްޞަކޮށް، އެއާލައިންތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ވަގުތަށް ނިންމުމަށް އެމް.އޭ.ސީ.އެލް އިން ވަނީ ބާރުއަޅުއްވާފައެވެ.
އަދި މި ދުވަސްވަރު ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކުގައި އެހީތެރިވެދިނުމަށް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.




