އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން އަތޮޅުތަކުގައި ޤާއިމުކުރާ އިދާރާތަކަށް ސިޔާސީ ވެރިން އައްޔަން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ކުރީގެ އަތޮޅު އޮފީސްތަކުގެ ނިޒާމު އަލުން އިޢާދަކުރައްވައި، އެ ތަންތަނަށް "އަތޮޅުވެރިން" އައްޔަންކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާޒީގައި އޮތް އަތޮޅު އޮފީސްތަކުގެ އޮނިގަނޑު އަލުން ގެނައުމުގެ އެއްވެސް ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.
އެލްޖީއޭގެ ދަށުން އަތޮޅުތަކުގައި އުފައްދާ އޮފީސްތަކަށް "އެލްޖީއޭ އަތޮޅު އޮފީސް" ކިޔުމަށް ނިންމެވީ އެ އޮތޯރިޓީން ހުށަހެޅި މަޝްވަރާގެ މަތިން ކަމަށާއި، އެ ތަންތަން ހިންގުމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ ސީދާ އެލްޖީއޭއިން ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ.
ރައީސް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެ އޮފީސްތަކަށް ސިޔާސީ ވެރިން ނުވަތަ ގަވަރުނަރުން އައްޔަންކުރުމަކީ އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލަރުން ތިބުމާ އެއްފަދަ ކަމެކެވެ.
އެހެންކަމުން، އެފަދަ ސިޔާސީ އިސް މަޤާމުތަކެއް އެ އިދާރާތަކުގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ ވެރިން އައްޔަންކުރާނަމަ އޭގެ ބަދަލަކީ ކޮބައިތޯ؟ އެހެންކަމަށްވާނަމަ ކުރިންވެސް އޮތް ގޮތަށް އަތޮޅު ކައުންސިލްގެ ރައީސުން އިންތިޚާބުކޮށްފައި ބޭތިއްބުން މާ ރަނގަޅު ނޫންތޯ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙާއެކު، އަތޮޅު ކައުންސިލްތައް ހިންގި އިމާރާތްތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ތަންފީޒުކުރެވޭނެ އިންތިޒާމުތައް މިހާރު ވަނީ ރޭވިފައެވެ.
މި ބަދަލާއެކު، އެ އޮފީސްތަކުގައި ކުރިން މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ މަޤާމާއި މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެހެން، އެތަންތަން އެލްޖީއޭގެ ސަރަޙައްދީ ގޮފިތަކެއްގެ ގޮތުގައި ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.
މި ގޮފިތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ، އެލްޖީއޭގެ މައި އިދާރާއިން ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމެވެ.
އެލްޖީއޭއިން ހާމަކުރައްވާ ގޮތުގައި، މި އާ އިންތިޒާމުގެ ސަބަބުން ކައުންސިލްތަކާއި އެލްޖީއޭއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤާނޫނީ ގޮތުން އެ އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިވެގެންދާނެއެވެ.



