މިރޭ ފަތިހު ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލަނީ

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، މިރޭ ފަތިހުގެ ވަގުތެއްގައި އެ ގައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

މިމީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ފޮނުވި ތަޖުރިބާކާރުން ގުޅިގެން ކުރި މަސައްކަތުން، އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު، އެމީހުން ޑައިވްކުރި ކޭވްގެ ތެރެއިންނެވެ. މީގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މި މަހުގެ 19 ވަނަ ދުވަހު ނަގާފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ހަތަރު މީހުންގެ ހަށިގަނޑުވެސް މިރޭ ފަތިހު އިޓަލީއަށް ފޮނުވާލެވޭނެއެވެ.

އަދި އެ ގައުމުގައި ހަދާ ޕޯސްޓްމޯޓަމްގެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި "ޑޭން ޔޫރަޕް" އިން ބުނި ގޮތުގައި، ތަހުގީގަށް ބޭނުންވާނެ ހެކިތަކާއި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ކަނޑުއަޑީގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލުމަށްފަހު، އެންމެ ފަހު ޑައިވް އިއްޔެ ވަނީ ކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް