ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މީގެ އިތުރުން، އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 6،000 ރުފިޔާއަށް ވަނީ މަތިކޮށްފައެވެ.
މެންބަރުންގެ މުސާރައަށް ބަލާއިރު، ސިޓީތަކުގެ މެންބަރުންގެ މުސާރަ 5،000 ރުފިޔާއިން 6،000 ރުފިޔާއަށް، އަދި ރަށްރަށުގެ މެންބަރުންގެ މުސާރަ 4،000 ރުފިޔާއިން 5،000 ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށް ޕޭ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މިއަހަރުގެ ބަޖެޓު އެކުލަވައިލުމުގައި މި ދާއިރާއަށް މުހިންމު ދެ އިސްލާހެއް ގެނެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކައުންސިލް ބަޖެޓުން މީގެ ކުރިން ދެމުން އައި އިންސައްތަ 5 އިން 10 އަށް އިތުރުކުރުމެވެ. ދެވަނަ ބަދަލެއްގެ ގޮތުން، ކޮމިޓީގެ މެންބަރުންނަށް ދެވޭ ރަމަޟާން މަހުގެ އިނާޔަތަކީ ކޮމިޓީގެ ބަޖެޓުގެ ބަދަލުގައި، ސީދާ ކައުންސިލްގެ ބަޖެޓުން ހަމަޖައްސާ އިނާޔަތެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.



