އިއްޔެ އިރުއޮއްސުނު ފަހުން ހުޅުލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައިވާ އޮއްވާ މިއަދު ފެނިއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އުމުރުން 48 އަހަރުގެ އިބްރާހިމް ޝާކިރު ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 08:25 ހާއިރު މޫދު އަޑިންނެވެ. ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނެފައިވަނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގެ ކަނޑުމަތީގައި ހިނގާ މިފަދަ ހިތާމަވެރި ހާދިސާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ވ. އަލިމަތަ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިންތަކަކާއި، ގދ. ވާދޫ ކައިރިއަށް ރާޅާއަޅަން އުޅުނު ފަތުރުވެރިއަކު ގެނބިގެން ނިޔާވި ހާދިސާތަކެއް ވެސް ދާދި ފަހުން ވަނީ ހިނގާފައެވެ.



