މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ކަރަންޓު ވިއުގައަށް އިތުރު ޖަނަރޭޝަން ފީޑްކުރުމަށް މަގުފަހިކުރުމަށާއި، އުފެއްދުންތެރިކަން ނުވަތަ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލެކެވެ. މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފުރިހަމަ ޚިދުމަތެއް ކަށަވަރުކޮށްދިނުމަށް އެ ކުންފުނިން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 މޭ ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށެވެ. މި ވަގުތުތަކުގައި ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން އެ ވަގުތު ހުންނާނެއެވެ. އެހެންކަމުން، އެއްވެސް ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
ނަމަވެސް، މަސައްކަތް ކުރިއަށްދާ ވަގުތު މާލެ ނުވަތަ ހުޅުމާލޭގެ ބޮޑު އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތް ފަތިހުގެ ވަގުތެއްގައި ކުރިއަށް ގެންދަން ނިންމީ، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ހިދުމަތަށް ކުރާނެ އަސަރު ކުޑަކުރުމުގެ މަގުސަދުގައިކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މައުލޫމާތު ސްޓެލްކޯގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެކަމަށް އެކުންފުނިން ބުނެއެވެ. ސްޓެލްކޯގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ހިދުމަތް އާންމު ހާލަތަށް ގެނައުމެވެ. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.



