މިރެއާއި މާދަމާ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވެފައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. މި މުއްދަތުގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އއ. ތޮއްޑޫއަށް ކަމަށް ރެކޯޑް ކުރެވިފައިވާއިރު، އެ ރަށަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، މި ވިއްސާރާގައި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމު ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި ސިފައިން ވެސް ވަނީ އިރުޝާދު ދީފައެވެ.




