ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 550،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި އަމަލަކީ ބާރަށު ކައުންސިލްގެ އެދުމުގެ މަތިން އެމްޓީސީސީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން 2023 ވަނަ އަހަރު ހިންގި މަޝްރޫއެއްގެ ތެރެއިން ހިނގާފައިވާ ކަމެކެވެ. މަގު ފުޅާކޮށް ސާފުކުރުމުގެ ނަމުގައި އެ ކުންފުނިން ރުއްގަސް ކަނޑާފައިވަނީ ބާރަށުގެ ކުޅި އާއި ފާ އަދި ޗަސްބިން ހިމެނޭ، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުންނެވެ.
އެ އޮތޯރިޓީން ކުރި ތަހުގީގާއި، އެ ރަށަށް ޒިޔާރަތްކޮށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިތުރުން އެ ނޫން ސަރަހައްދުތަކުން ވެސް ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވެއެވެ. މިކަމާ ގުޅިގެން ކަނޑައެޅުނު 550،000 ރުފިޔާގެ ޖޫރިމަނާ، އިއްޔެއިން ފެށިގެން ސަރުކާރުގެ "ބަނޑޭރި ޕޭ" މެދުވެރިކޮށް 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެމްޓީސީސީއަށް ވަނީ އަންގާފައެވެ.
މި ޖޫރިމަނާގެ ތަފްސީލަށް ބަލާއިރު، ގުދުރަތީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން 500،000 ރުފިޔާ، އަދި ރަށްރަށުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން 50,000 ރުފިޔާ ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބާރަށުން ރުއްގަސް ކެނޑި މި މައްސަލައާ ގުޅިގެން މީގެކުރިން އެ ރަށު ކައުންސިލް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.




