ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދިނުމަށް ސަރުކާރުން އަލަށް އުފެއްދެވި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުންޏަށް ގިނަ އަދަދެއްގެ ފާމަސިސްޓުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މާލޭގައި މަސައްކަތް ކުރުމަށްޓަކައި ފާމަސިސްޓުންނާއި އެސިސްޓެންޓް ފާމަސިސްޓުންގެ ގޮތުގައި ޖުމްލަ 19 މުވައްޒަފުން ބޭނުންވެއެވެ. މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 30 ވަނަ ދުވަހެވެ.
މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ފާމަސީގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، އެ ރޮނގުން 1 އަހަރާއި 4 އަހަރާ ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މި މަޤާމުތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 12,000 ރުފިޔާއާއި 15,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ގެ ނަމުގައި ވަކި ކުންފުންޏެއް ސަރުކާރުން އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ބޭސް އިމްޕޯޓްކުރުމާއި ފޯރުކޮށްދިނުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ރަސްމީކޮށް މި ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.
މި ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވުމަށް ހަމަޖެހިފައިވަނީ އައި.ޖީ.އެމް.އެޗް ގައެވެ. މީގެ އިތުރުން، މިހާރު އެސް.ޓީ.އޯ އިން ހިންގަމުންދާ ހުރިހާ ފާމަސީތަކެއްވެސް ކުރިއަށް އޮތް ތަނުގައި މި ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.



