ކަމާގުޅޭ އިދާރާތަކުގެ ހުއްދައެއް ނެތި ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ 21 ބާވަތެއްގެ ބޭހެއްގެ މަޢުލޫމާތު ޢާއްމުކޮށް، އެ ބޭސްތައް ބޭނުންނުކުރުމަށް މޯލްޑިވިސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭހާ ބެހޭ ގަވާއިދު ބުނާގޮތުން ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ އެ އިދާރާގައި ބޭސް އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެންނެވެ.
އަދި އެތެރެކުރާ ބޭސްތަކަކީ ބޭސް ރަޖިސްޓްރީކުރުމުގެ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، "އެޕްރޫވްޑް ޑްރަގް ލިސްޓު" ގައި ހިމެނޭ ބޭސްތަކަކަށް ވާންޖެހޭނެއެވެ.
ނަމަވެސް، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ބާވަތްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމް.އެފް.ޑީ.އޭ އިން ބުނެއެވެ. އެފަދަ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރުކުރެވިފައިވާ ތަކެތި ނޫން ކަމަށާއި، ރަޖިސްޓްރީ ނުކޮށް ވިއްކާ މިފަދަ ބާވަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީ، އެތަކެތި އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވެސް އެ އިދާރާއިން ހަނދާންކޮށްދެއެވެ.
އެމް.އެފް.ޑީ.އޭގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، "މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓްކޮށް ވިއްކުމަކީ، އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ސިއްހީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް" ކަމަށެވެ.




