ސްޓޭޓް ފާމާގެ ފުރަތަމަ ބޭސް ފިހާރަ ހުޅުވުން

ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ރަސްމީކޮށް ހުޅުވައިފިއެވެ.

"ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ"ގެ ނަމުގައި އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ގާއިމުކުރި މި ބޭސްފިހާރަ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމްއާއި، ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.

މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ބޭސްފިހާރައަށްވާއިރު، މި ފާމަސީން 24 ގަޑިއިރު މެދުކެނޑުމެއްނެތި ހިދުމަތް ލިބޭނެއެވެ. މިއީ އާންމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

މީގެ އިތުރުން، ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ބޭރުން ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއްވެސް މި ފާމަސީގައި ވަނީ ހަމަޖައްސާފައެވެ.

އެ ކުންފުނީގެ އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ދެމެހެއްޓެނެވި ގޮތެއްގައި ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

އަދި ބޭސް ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެކުރިން އެސްޓީއޯ މެދުވެރިކޮށް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ މަސައްކަތްތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް