ބާކީ 2 ޑައިވަރުންގެ ހަށިގަނޑު ވެސް ނަގައިފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ފެނުން މައްޗަށް ނުނެގި ތިބި ފަހު ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
އިޓަލީގެ ފަތުރުވެރިން ޑައިވްކުރަން ފޭބި ވ. އަތޮޅު އަލިމަތާ ކޭވްގެ ތެރޭގައި ތިބި ހަތަރު ހަށިގަނޑުގެ ތެރެއިން ދެ ހަށިގަނޑެއް އިއްޔެ ނެގުމަށްފަހު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު މިއަދު ފެނުން މައްޗަށް ނަގާފަވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން އިއްޔެ ނަގާފައިވަނީ އިޓަލީގެ ބޯގޯމަނޭރޯ އަށް ނިސްބަތްވާ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީ އާއި އަންހެން ފަތުރުވެރިއެއްގެ ހަށިގަނޑެވެ.

މިއަދުގެ އޮޕަރޭޝަނާއެކު، މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު ފަސް މީހުންގެ ހަށިގަނޑު މިހާރު ވަނީ ފެނުން މައްޗަށް ނެގިފައެވެ.

މިހާރު ކުރިއަށްދަނީ އިޓަލީ ސަރުކާރާ ގުޅިގެން އެ ހުރިހާ ހަށިގަނޑެއް އެނބުރި ގައުމަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ހާދިސާ ހިނގި ދުވަހު އެންމެ ފުރަތަމަ ފެނިފައިވަނީ މިއުރިއަލް އޮޑެނީނޯގެ ހަށިގަނޑެވެ.

ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި "ޑައިވާސް އެލާޓް ނެޓްވޯކް" (ޑޭން) އިން ބުނި ގޮތުގައި، ޑައިވަރުން ތިބި ތަން ދެނެގަނެވުނީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ތަޖުރިބާކާރު ޑައިވަރުން ހޮހަޅައިގެ ފުން ސަރަހައްދުތަކަށް ފީނައިގެން ކުރި ބުރަ މަސައްކަތުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު ވެސް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް