ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް މިއަދުން ފެށިގެން އުނިކުރުމަށް އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި ގައުމީ އިގުތިސާދަށް ލިބިގެންދިޔަ ނުހަނު ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. މި ލުއިތައް ހޯދުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މި ނިންމުމާއެކު ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން މިހާތަނަށް ދައްކަމުން އައި 20 އިންސައްތައިގެ ޓެރިފް، 2028 ވަނަ އަހަރުގެ ނިޔަލަށް ވަނީ މައާފުކޮށްދީފައެވެ.
މި ތާރީޚީ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 'އެކްސް' މެދުވެރިކުރައްވައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދީ ދާއިރާއަށާއި ވަކިން ހާއްސަކޮށް މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފުރުސަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ނިންމެވި މި މުހިންމު ނިންމެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ނިންމުމުން ރަމްޒުކޮށްދެނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ އިތުރުން، ވިޔަފާރީގެ ދާއިރާ ފުޅާކުރުމަށް ދެ ގައުމުން ދޭ ހާއްސަ އަހަންމިއްޔަތުކަމެވެ.
އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެތް ގައުމުތަކުން އެތެރެކުރާ މުދަލުން 20 އިންސައްތައިގެ ޓެރިފެއް ނަގަން ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. މި ނިންމުމުގެ ދަށުން ރާއްޖެއަށްވެސް މީގެ ކުރިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.




