މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިދިޔަ އަހަރުގެ ފައިދާއިން، ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށް އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
އިއްޔެ ބޭއްވި މި ޖަލްސާ ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ 'ފަހިވޯޓު' ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށެވެ. ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުވާ ގޮތަށް، 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން މި ޖަލްސާގައި ބައިވެރިވިއެވެ.
ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ އިއްތިފާގުން، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް، ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށް 99.99 އިންސައްތަ ވޯޓުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 129،674،106.45 ރުފިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރަށް ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް އައްޔަންކުރުމަށް ވެސް 99.95 އިންސައްތަ ވޯޓުން މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ފާއިތުވި އަހަރަކީ އެމްއައިބީއަށް މާލީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެކެވެ. އެގޮތުން ބޭންކުގެ ޖުމްލަ އެސެޓް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފުކުރިތާ 15 އަހަރުގެ ތެރޭގައި އެ ބޭންކުން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.




