ހުޅުމާލޭގައި ހިނގި 2 އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ހަވީރު ހިނގި ދެ އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ރީތިގަސްމަގުގައި ތިން ސައިކަލެއް ޖެހިގެންނެވެ. މިއަދު ހަވީރު 3:50 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށާއި ފިރިހެނަކަށެވެ.

ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާގައި ހިމެނޭ އެއް ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މިދިލިމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިގެންނެވެ. އިރުން ހުޅަނގަށް ދުއްވާފައި ދަނިކޮށް ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހަވީރު 4:42 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި ސައިކަލުގައި ތިބި ދިވެހި ފިރިހެނަކަށާއި އަންހެނަކަށް އަނިޔާވި ނަމަވެސް، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް