މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ އިސްވެރިއެއްގެ ގޮތުގައި (އަމީރުލް ޙައްޖު)، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުގެ ފަރާތުން ޚާއްޞަ އިސްވެރިއަކު ކަނޑައަޅުއްވާއިރު، މި އަހަރުގެ އެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ މިވަނީ މިނިސްޓަރު ސަޢީދާ ޙަވާލުކުރައްވާފައެވެ.
މި އަހަރުގެ ޙައްޖުގެ މާތް އަޅުކަމަށް ފުރާ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕު މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައި ފުރާފައިވާއިރު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި ކުރިން ފުރި ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.
އަދި މިއަދު ފުރި ޙައްޖުވެރިންވެސް މިއަދު ހަވީރުގެ ވަގުތެއްގައި ޢުމްރާގެ ކަންކަން ފުރިހަމަކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.




