ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ޕާކް ހުޅުވާފައިވަނީ، އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

އެޗްޑީސީން ބުނީ، މި ޕާކުގައި ތިން ދަނޑު ހިމެނޭ ކަމަށެވެ. އެއީ ވޮލީ ކޯޓަކާއި، ބާސްކެޓް ބޯލް ކޯޓެއްގެ އިތުރުން ފުޓްސެލް ދަނޑެކެވެ. ރޭ ޕާކް ހުޅުވުމަށްފަހު މި ތިން ދަނޑުގައި ވަނީ މެޗްތަކެއް ވެސް ކުޅެފަ އެވެ.

މިޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން، ހުޅުމާލެ ނެއިބަރހުޑް އެކެއްގެ ރައްޔިތުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަމުގެ ޝަކުވާ ހުށަހެޅުމުން އެކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. ރޭގެ ރަސްމިއްޔާތުގައި އެކަން ފާހަގަކޮށް އެ ކޮމިއުނިޓީގެ ރެޕްރެޒެންޓޭޓިވް ނައީމް ވަނީ އެކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް