ސުމޫދު ފްލޮޓިއްލާއަށް ހުރަސް އެޅުން ރާއްޖެއިން ކުށްވެރިކޮށްފި

ޣައްޒާގެ ހިސޯރު ފޫއަޅުވައިލައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި ދަތުރުކުރި ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކަށް ޔަހޫދީން ހުރަސްއެޅުން ރާއްޖެ ހިމެނޭހެން 10 ގައުމަކުން ކުށްވެރިކޮށްފި އެވެ.

ޔަހޫދީންގެ މި އަމަލު ކުށްވެރިކޮށް ދިވެހިރާއްޖެ، ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، އުރުދުން، ލީބިޔާ، ޕާކިސްތާން، ސްޕެއިން އަދި ތުރުކީވިލާތުގެ ހާރިޖީ ވަޒީރުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރުއްވާފަ އެވެ.

މި ބަޔާނުގައި މީގެ ކުރިންވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރި އެހީގެ އުޅަނދުފަހަރަށް ޔަހޫދީން ހުރަސްއަޅާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. އަދި އާންމު ރައްޔިތުންނާއި އިންސާނީ އެހީ ފޯރުކޮށްދޭ އެކްޓިވިސްޓުންނަށް އަމާޒުކޮށް ޔަހުދީން ހިންގާ އުދުވާނުތަކާއި، އެ އުޅަނދުތަކަށް ދޭ ހަމަލާތަކާއި، އެކްޓިވިސްޓުން ހައްޔަރުކޮށް އެމީހުންނަށް ދޭ އަނިޔާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.

ޚާރިޖީ ވަޒީރުންގެ މި ބަޔާނުގައި ޞުމޫދް ފްލޮޓިއްލާގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. އަދި ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުރިހާ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށާއި، އެމީހުންގެ ހައްގުތަކާއި ކަރާމާތަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ގޮވާލައްވާފައި ވެއެވެ.

މިފަދަ ސުލްހަވެރި ހަރަކާތްތަކަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ޔަހޫދީން ކުޑަވެސް އިހުތިރާމެއް ނުކުރާކަން ހާމަވެގެންދާކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖުތަމައުން ގާނޫނީ ޒިންމާ އަދާކޮށް، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބަޔާނުގައި ހާރިޖީ ވަޒީރުން ގޮވާލެއްވި އެވެ. އަދި ޔަހޫދީންގެ ލާއިންސާނީ އަމަލުތަކަށް އެބައިމީހުން ޖަވާބުދާރީ ކުރުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް ވަޒީރުން ވަނީ ބާރުއަޅުއްވާފަ އެވެ.

މީގެ ކުރިންވެސް ޞުމޫދް ފްލޮޓިއްލާގެ ހަރަކާތްތަކަށް ހުރަސްއަޅާފައިވާ ޔަހޫދީން މިފަހަރު އެ އުޅަނދުތަކަށް ހުރަސްއެޅީ ޣައްޒާގެ 250 މޭލު ބޭރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ނެވެ. މި ހަރަކާތުގައި ފަންސާހެއްހާ އުޅަނދު ހިމެނޭއިރު ޞުމޫދް ފްލޮޓިއްލާގެ ދަތުރުތައް ފެށީ މިދިޔަ ހަފްތާގައި ތުރުކީވިލާތުން ނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް