ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ މާލޭގެ ކެމްޕެއިން ޖަލްސާގައި ނަޝީދު އާއި ސޯލިހް -

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދާއެކު، މިއަހަރު ނިމުމުގެ ކުރިން މިހާރު އޮތް ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އިއުލާނު ކުރައްވައިފިއެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ސޯބެއަށް ތާއީދު ހޯދުމަށް މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހޯއްދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ހޯދައިގެން ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވާނެއެވެ.

މީގެއިތުރުން، ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ކުރީގެ ރައީސް ޔާމީން ވެސް އެމްޑީޕީއާ އެކު މަސައްކަތް ކުރައްވާނެ ކަމަށާއި، ޕީއެންސީގެ މެންބަރުން ވެސް ޕާޓީ ބަދަލުކޮށް ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރައްވާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެފްރިކާގައި ހުންނަވާފައި ރާއްޖެ ވަޑައިގަތީ މި މުހިންމު މަސައްކަތްތައް ނިންމުމަށް ކަމަށެވެ. އަދި މިއީ ސަމާސާއެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށާއި، މިކަމުގައި އެމަނިކުފާނު ހުންނެވީ ވަރަށް ސީރިއަސްކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް