"އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރު" ބާތިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، އެ ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ ފަރާތުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އާންމުކޮށް އެންމެންގެ މައްޗަށް އަމާޒުކޮށް ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:
"އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ފެތުރުން މަނާކުރުން.
އެ ޑޮކިއުމެންޓަރީގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ނުދެއްކުން.
މައްސަލައާ ގުޅޭ ލިޔެކިޔުންތަކާއި ޝަރީއަތުގެ މައުލޫމާތުތައް އާންމުކުރުން ހުއްޓާލުން.
ޑޮކިއުމެންޓަރީއާ ގުޅުވައިގެން މައްސަލައިގެ ހަސްމަކާ ނުވަތަ އަނިޔާ ލިބުނު ފަރާތާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުން.
މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނެރުނު މި އަމުރާ ހިލާފުވި ކަމަށް ބުނެ މިހާތަނަށް ދެ ނޫސްވެރިޔަކު ވަނީ ހައްޔަރުކޮށްފައެވެ.
އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ މިއަދު ބޭރުކޮށްލެއްވީ، އެ ޖަމިއްޔާއަކީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ފަރާތެއް ނޫން ކަމަށް ނިންމެވުމަށްފަހުއެވެ. އެ ނިންމުމާ ގުޅިގެން ފިޔާޒްގެ ފަރާތުން މައްސަލަ އަލުން ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން އަންނަ ފަދަ އަމުރެއް ކަމަށް ބުނެ، އާންމުންނާއި ނޫސްވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.




