ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ދެވަނަ ބެޗުގެ 350 ބައިވެރިން މިއަދު ދަސްވެނިވެއްޖެ އެވެ.
ނެޝަނަލް ސާވިސްގެ ތަމްރީނު ނިންމައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ދަރިވަރުންގެ ހިނގާލުން އެ ރަސްމިއްޔާތުގައި ބޭއްވި އެވެ.
ދެވަނަ ނޭޝަނަލް ސާވިސް ޓްރެއިނިން ކޯހުގައި 112 ރަށަކުން 350 ދަރިވަރުން މިއަދު ތަމްރީނު ފުރިހަމަ ކުރި އެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.
ދަސްވެނިވި ދަރިވަރުންނާ މުހާތަބުކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ނޭޝަނަލް ސާވިސްގެ ދެވަނަ ބުރަށް ހުޅުވާލުމުން 1،700 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލި ކަމަށެވެ. އެކަމުން ވެސް އެނގެނީ އެކަމަށް ދިވެހި ޒުވާނުންގެ ޝައުގުހުރި މިންވަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރު 350 ބައިވެރިންގެ އިތުރު ދެ ބެޗު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ފުރަތަމަ ޓްރެއިނިން ނިންމި ދަރިވަރުންގެ ތެރެއިން 63 ބައިވެރިން ބ. ކިހާދޫގައި ތަފާތު ހަ ދާއިރާއަކުން މި މަހު ފަހުކޮޅު ދަސްވެނިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ހުޅުވާލި ފުރުސަތުގައި 1،244 ޒުވާނުން އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ބައިވެރިވެ، 346 ބައިވެރިން ދަސްވެނިވި އެވެ.



