މި އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓެއްގައި މި ފަހަރު ފުރާފައިވަނީ 260 ހައްޖުވެރިންނެވެ.
މިއަދު ހެނދުނު ރާއްޖެ ގަޑިން 07:10 ގައި ފުރި މި ފްލައިޓް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވާސިލުވާނެ ކަމަށް އަންދާޒާ ކުރެވެނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:00 ހާއިރުއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1,000 ހައްޖު ކޯޓާގެ ދަށުން ހައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ.
އޭގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ "ސައުދިޔާ" އެއާލައިންގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ. ފުރަތަމަ ގްރޫޕް ސައުދިޔާ އެއާލައިންގައި މީގެ ކުރިން ފުރާފައިވާއިރު، މިއަދު ފުރި މޯލްޑިވިއަންގެ ފްލައިޓަކީ މި އަހަރުގެ ހައްޖު ދަތުރުތަކުގެ ދެވަނަ ފްލައިޓެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ތާވަލާ އެއްގޮތަށް، ބާކީ ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން، ހޯމަ ދުވަހު 268 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާއިރު، އަންގާރަ ދުވަހު ފުރާ އެންމެ ފަހު ފްލައިޓުގައި 253 ހައްޖުވެރިން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.




