ފެނަކަ ކޯޕަރޭޝަނުން އެސްޓީއޯއަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާރު ދައްކާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހީމް ހާމަކުރައްވައިފިއެވެ.
ޝިމާދު މިކަން ހާމަކުރެއްވީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކުންފުނީގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން ޝިމާދު ވިދާޅުވީ، ފެނަކައިން ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ ހިއްސާދާރުންގެ މެދުގައި އަބަދުވެސް އޮންނަ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ނަމަވެސް އެކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތުން، އެ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާރު ކުންފުންޏަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިން އެސްޓީއޯއަށް ތެލަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތީ 2021 ވަނަ އަހަރުން ފެށިގެންނެވެ.
ދަރަނީގެ ފައިސާގެ އިތުރުން، އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރި ހޮޓާ މަޝްރޫޢުގެ ބަދަލުގައި އެ އަގަށްވާ ވަރުގެ ބިމެއް ހުޅުމާލެއިން ލިބިފައިވާކަންވެސް ޝިމާދު ފާހަގަކުރެއްވިއެވެ.
އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ 16 ވަނަ ޓަވަރާ ދިމާލުން 41،000 އަކަފޫޓުގެ ބިމެއް އެސްޓީއޯއަށް މިހާރު ވަނީ ލިބިފައެވެ.
މީގެއިތުރުން، ނިމިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާގެ މަގުން ބެހުމަށް ރޭގެ އަހަރީ އާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.
މި ހުށަހެޅުން ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. އެ ޖަލްސާގައި 952,358 ހިއްސާ ތަމްސީލުކުރާ 253 ހިއްސާދާރުން ބައިވެރިވިއެވެ.



