އިޓަލީން ފޮނުވާ ޓީމު އަންނަންދެން، ޑައިވަރުން ހޯދުން މެދުކަނޑާލައިފި

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ "ކަނޑުމިޔަރު ކޭވް" އަށް ޑައިވިނަށް ދިޔަ ފަސް ފަތުރުވެރިންގެ ތެރެއިން ގެއްލުނު ހަތަރު މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ އޮފިސަރަކު މިއަދު ނިޔާވުމާ ގުޅިގެން، އެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 އެހާކަންހާއިރުއެވެ. އެ ރިޕޯޓާއެކު، ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. މީގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ހާދިސާއާ ގުޅިގެން، އެ މީހުން ދަތުރުކުރި އުޅަނދުގެ ލައިސަންސް މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ހިފަހައްޓާފައެވެ.

މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަށް އެހީތެރިވުމަށް އިޓަލީގެ ތަޖުރިބާކާރު ޑައިވަރުންތަކެއް މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޓީމު ރާއްޖެ އައުމުން، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތުގައި ބައިވެރިވާން ފިންލޭންޑުގެ ތިން މީހުން އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވޭ. އެ މީހުން އަންނާނީ މިފަދަ ހާދިސާތަކުގައި ބޭނުންކުރާ ޚާއްޞަ އާލާތްތަކާއެކު،" މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އޮޕަރޭޝަނަށް އިޓަލީގެ އިތުރުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ ފަންނީ އެހީތެރިކަން ލިބޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް