ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
ބުރާސްފަތި ދުވަހު ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެ ފަތުރުވެރިޔާ ފެނުނު އިރު އޮތީ ނިޔާވެފައެވެ. ބާކީ ތިބި ހަތަރު ފަތުރުވެރިން ހޯދުމަށްޓަކައި އެމްއެންޑީއެފުން ދަނީ ފުޅާ ދާއިރާއެއްގައި "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަނެއް ހިންގަމުންނެވެ.
އެމްއެންޑީއެފްއިން ބުނީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާކަމަށެވެ.
އެމްއެންޑީއެފުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ.
މި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިންގ ލައިސެންސް މިހާރު ވަނީ ސަސްޕެންޑް ކުރެވިފައެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން، ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.



