ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

މާލެ، ދިވެހިރާއްޖެ: ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރަން ނިންމެވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ބޭފުޅުންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ނިންމެވީ، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ހިންގާ ޝަރީއަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި ތިން ބޭފުޅުން ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މިކަމާ ގުޅިގެން އެކްސް (ޓުވިޓާ) މެދުވެރިކުރައްވައި އަބްދުއްރަހީމް ދެއްވި ރައްދުގައި، ކުރީގެ ސަރުކާރުތަކުގައި ހިނގާފައިވާ ބޮޑެތި އިހުމާލުތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ހަނދާންކޮށްދެއްވިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޝަރުއީ ދާއިރާއަށް އަތްބާނައި ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި، ސިޔާސީ ލީޑަރުން ޖަލަށްލުން ފަދަ ކަންކަމަކީވެސް މި ބޭފުޅުންގެ ސަރުކާރުތަކުގައި ހިނގާފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ޓުވީޓުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް.
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުން.
  • ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ.

"މިހިރަ ހުރިހައި ކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް. ކުރިން ކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ތިން ރައީސުންގެ މި ބައްދަލުވުމުގައި، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންކަން ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ. ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ ސިޔާސީ މަގުސަދެއްގައި، އަމިއްލަ އެދުން އިސްކޮށްގެން އުފައްދާފައިވާ އިއްތިހާދެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް