ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު

ހޮރްމޫޒް ކަނޑުއޮޅީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ގަލްފުގެ އިއްތިހާދާއި އުރުދުން ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ގަރާރު ކޯ-ސްޕޮންސާ ކޮށްފިއެވެ.

ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވީ، ސައޫދީ އަރަބިއްޔާ، ކުވައިތު، ޔޫއޭއީ، ގަތަރު، ބަހުރައިން އަދި ޖޯޑަން ގުޅިގެން އިސްނަގައިގެން ހުށަހެޅި މި ގަރާރަށް ރާއްޖެއިން ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. މި ގަރާރުގެ މައިގަނޑު އަމާޒަކީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް އެއްވެސް ހުރަހެއްނެތި މިނިވަންކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ގާއިމުކުރުމެވެ.

މި ނިންމުމަކީ "އަންކްލޮސް" ފަދަ ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އުސޫލުތަކަށް ރާއްޖެއިން ކުރާ އިހުތިރާމް ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ގަރާރުގައި ބައިވެރިވުމުގެ ސަބަބުން، ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެއަށް ލިބިދޭ އެއްވެސް ހާއްސަ ހައްގަކަށް ނުވަތަ އިހްތިސާސަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ރާއްޖެއިން މި ގަރާރުގައި ބައިވެރިވީ ވަކި ހާއްސަ އިސްތިސްނާއަކާ އެކުގައެވެ. އެއީ ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުވަތަ ކަނޑުގެ ސަރަހައްދީ އިހްތިސާސަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކުން ރާއްޖެ ބަރީއަވާ ގޮތަށެވެ.

މި ގަރާރަށް ތާއީދުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ގަލްފު ސަރަހައްދުގެ ހަމަޖެހުން ގާއިމުކޮށް، ދުނިޔޭގެ ވިޔަފާރި ނިޒާމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމެވެ. ރާއްޖެއަކީ ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމުން، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް