ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެއްރީ ފޯރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެރީ ފޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް، މިނިސްޓަރ އިރުތިޝާމް މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޝެލްސްގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނެވެ. މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަދި ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.

އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ގެ ގޮތުގައި ހިމެނޭ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު މި ދަތުރުފުޅުން ހާމަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް