ބަލީގެ ހާލަތު ހުރިގޮތުން އެއް އަހަރަށްވުރެ ގިނަ ދުވަހު ދިރިހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެމީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއްފަހަރާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، އާންމު އުސޫލުން ޕެންޝަން ފައިސާ ލިބެނީ އުމުރުން 65 އަހަރު ފުރުމުން ކަމަށްވީ ނަމަވެސް، "ޓާމިނަލް އިލްނަސް" ނުވަތަ ފަރުވާ ދިން ކަމުގައިވިޔަސް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާ ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި، އަދި މަރާމާތު ކުރުމަށް ދައްކަންޖެހޭ ޑައުންޕޭމަންޓްތަކަށް އެ ފައިސާ ރަހުނު (ކޮލެޓްރަލައިޒް) ކުރެވޭނެ ގޮތަށް ވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. ހަމައެހެންމެ، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ މަގުވެސް މި ބިލުން ވަނީ ތަނަވަސްކޮށްދީފައެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުންނެވެ.




