ވަގަށް އެތެރެކޮށްގެން ވިއްކަނިކޮށް 75 ކާޓޫނު ސިނގިރޭޓު ފުލުހުން ހިފަހައްޓައިފި

ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ، އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ޤަވާއިދާ ޚިލާފަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

މި ހިނގާ މޭ މަހުގެ 13 ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި، މާލޭގެ ގަލޮޅު ސަރަޙައްދުގެ ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި" އެޕާޓްމަންޓެއްގެ އިތުރުން ވޭންއެއް ބަލައި ފާސްކޮށްފައިވެއެވެ.

މި ފާސްކުރުމުގެ ތެރެއިން 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިކަމަށް ބޭނުންކުރި ވޭން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް