ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ފުލުހެއްގެ ލޮލަށް އަނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިކަމުގެ ހައްގުގައި ބޭއްވި މި އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީ އާއި ޕީއެންއެފްގެ އިސް ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މުޒާހަރާގެ ބައިވެރިން އަލިކިލަގެފާނު މަގުން ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބައިވެރިން ވަނީ މަޖީދީމަގަށް ނުކުމެފައެވެ. އަދި މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ކަންމަތީގައި މުޒާހަރާގެ ބައިވެރިން އިށީނދެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް، ފުލުހުން ވަނީ އައްޑަނަ އާއި ރައިޓް ގިއަރުގެ ބޭނުންކޮށް، ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފޮނުވާލައި އެއްވުން ރޫޅާލާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ކުރިމަތިލުންތަކުގެ ތެރޭގައި އެއްވުމުގެ ބައިވެރިންގެ ފަރާތުން ފުލުހަކަށް ހަމަލާދީ، އޭނާގެ ލޮލުގެ މަތިން ފަޅައިގެންގޮސް އަނިޔާވެފައިވެއެވެ. އަނިޔާވި ފުލުސް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި މުޒާހަރާއާ ގުޅިގެން ޖުމްލަ ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއެވެ.



