ޕީއެންސީއަށް ސޮއިކުރި މިނިވަން މެމްބަރުންގެ ގޮނޑީގެ މައްސަލަ ކޯޓަށް

މިނިވަން މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް، ކުރީގެ މެންބަރު އަލީ ޙުސައިން ނިންމަވައިފިއެވެ.
ޖުމްލަ އަށް މެންބަރެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާއިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވުމަށްފަހު ޕީއެންސީއާ ގުޅިވަޑައިގަތް މެންބަރުންނަކީ:

  1. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
  2. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު
  3. ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
  4. ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް
  5. ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ
  6. ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް ޢަބްދުއްޢަޒީޒް
  7. މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު
  8. ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު

މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވަނީ، ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލިސް މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޞައްޙަ އިޞްލާޙެއް ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ޙުކުމާ ގުޅިގެންނެވެ.

ޤާނޫނުއަސާސީއަށް ގެނައި މި އިޞްލާޙު މިހާރުގެ މަޖިލިސް މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އިޞްލާޙު މިހާރު ތިއްބެވި މެންބަރުންގެ މައްޗަށްވެސް ހިނގާނެ ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް