އަދަދު ނޫހުގެ ފިޔާޒު އަދި ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒުފުކުރި ކަމުގެ ތުހުމަތުގައި، "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިއަދު މެންދުރު 1:00 ގައި ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، މިއަދުގެ މަޖިލީހުގައި ވަނީ ދައުވާތަކާ ގުޅުންހުރި ލިޔެކިއުންތައް ބަދަލުކޮށްފައެވެ. ކޯޓުން ނިންމާފައިވަނީ މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅީ، މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެންނެވެ. އެ ވީޑިއޯ ރިޕޯޓުގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށް ބުނާ އަންހެނަކު ވަނީ ރައީސް މުއިއްޒުގެ އަބުރަށް ހުތުރުވާފަދަ އަހުލާގީ ތުހުމަތުތަކެއް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން، އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ފެތުރުން މަނާކޮށް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރު ޝާއިއުކުރުމާއި ރައީސާ ސުވާލުކުރި މައްސަލާގައި އެ ނޫހުގެ އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް އިއްޔެ ވަނީ ޖަލު ހުކުމެއް އިއްވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް