ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފިއެވެ.
އާންމު އުސޫލުން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ގައި މަޖިލީހުގެ ޖަލްސާތައް ފެށި ނަމަވެސް، މިއަދު ކޯރަމް ރަނގަބީލު ޖެހުމަށްފަހު 09:10 ވީއިރުވެސް ޖަލްސާ ފެށޭވަރަށް މެންބަރުން ހަމަވެފައެއް ނުވެއެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ގަޑިޖެހުނުއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ އެންމެ ހަ މެންބަރުން ކަމަށެވެ.
މެންބަރުން ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށުން 10:00 އަށް ފަސްކުރި ނަމަވެސް، އެ ގަޑީގައިވެސް ޕީއެންސީގެ އެއްވެސް މެންބަރަކު ހާޒިރުވެވަޑައިގެންފައި ނުވާތީ ކޯރަމް ހަމަވާގޮތް ވަނީ ނުވެފައެވެ.
މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކުރިކަން ރިޔާސަތުން އިއުލާންކުރެއްވިއިރު، މަޖިލީހުގެ ތަޅުމުގައި ތިއްބެވީ ނައިބު ރައީސް ނާޒިމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ.




