އޭޑީއެޗްޑީ އަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'މިތައިލްފެނިޑޭޓް' ރާއްޖެއަށް އެތެރެކޮށް، ބަލިމީހުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަމަޖައްސަވައިފިއެވެ.
މީގެކުރިން މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ މި ބޭހަކީ، އޭ.ޑީ.އެޗް.ޑީ ތަހައްމަލުކުރާ ފަރާތްތަކުގެ ފަރުވާގައި އެންމެ އިސްކަންދޭ (ފަސްޓްލައިން) އެއް ބޭހެވެ.
މި ބޭސް ރާއްޖެއިން ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ރައީސް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ. އަދި މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމުން، މަޖިލީހުން ވަނީ އެކަމަށް ރުހުން ދެއްވާފައެވެ.
އޭ.ޑީ.އެޗް.ޑީއަށް ފަރުވާ ހޯދާ ފަރާތްތަކަށާއި ސިއްހީ ދާއިރާގެ މާހިރުންނަށް މި ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ނެރުއްވި މި ގަރާރު، މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ. މިއީ މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ފަރުވާގެ ނިޒާމުގެ ތެރެއިން ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.



