ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ އެސް ޖައިޝަންކަރްގެ ދަޢުވަތަކަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ވަޒީރު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އެކަމަނާ ޚާރިޖީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި، ވަޒީރު އިރުތިޝާމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް