ރާއްޖޭގައި 3900 އަށް ވުރެ ގިނަ ނަރުހުން، ގިނައީ ދިވެހިން!

ރާއްޖޭގައި ޖުމުލަ3900 އަށްވުރެ ގިނަ ނަރުހުން އެބަތިބިކަމަށާއި ގިނައީ ދިވެހި ނަރުހުންކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު އެ ވުޒާރާއިން އާއްމުކުރި ތަފާސހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި ޖުމްލަ 3،907 ނަރުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 3،593 މީހުންނަކީ އަންހެނުންނެވެ. އެއީ ނަރުހުންގެ ޖުމްލަ 92 އިންސައްތައެވެ. ފިރިހެން ނަރުހުންގެ އަދަދަކީ 314 އެވެ. އެއީ ނަރުހުންގެ އެންމެ އަށް އިންސައްތައެވެ.

މާލެއާއި ރާއްޖެތެރެއަށް ބަލާއިރު ގިނަ ނަރުހުން މަސައްކަތްކުރަނީ މާލޭގައެވެ. އެގޮތުން 1،989 ނަރުހަކު މާލޭގައި މަސައްކަތްކުރާއިރު އަތޮޅު ތެރޭގައި 1،918 ނަރުހުން މަސައްކަތްކުރެއެވެ. މި ހިސާބުތަކަށް ބަލާއިރު މާލޭ ސަރަހައްދުގައި ނަރުހުންގެ 51 އިންސައްތަ މީހުން މަސައްކަތްކުރާއިރު، އަތޮޅުތަކުގައި މަސައްކަތްކުރަނީ 49 އިންސައްތަ ނަރުހުންނެވެ.

އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2،503 ނަރުހުންނަކީ ދިވެހިންނެވެ. މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ އަދަދަކީ 1،404 އެވެ. މާނައަކީ ނަރުހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ނުވަތަ 64 އިންސައްތަ މީހުންނަކީ ދިވެހިންނެވެ.

ރާއްޖޭގައި ކުރީގައި ނަރުހުންގެ ގޮތުގައި މަސައްކަތްކުރަމުންއައީ ގިނައިން ބިދޭސީންނެވެ. ނަަމަވެސް ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތް ފުޅާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ހިދުމަތަށް ކޮންމެ އަހަރަކު ނުކުންނަ ދިވެހި ނަރުހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ގައުމީ ޔުނިވަސިޓީގެ އިތުރަށް ވިލާ ކޮލެޖުގައިވެސް މިހާރު ނަރުސްކަން ކިޔަވއިދެއެވެ.

ނަރުހުން މަސައްކަތްކުރާ ތަންތަނަށް ބަލާއިރު 3،291 ނަރުހުންނަކީ ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނެވެ. އެއީ ނަރުހުންގެ 84 އިންސައްތަ މީހުންނެވެ. އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 616 ނަރުހުން މަސައްކަތްކުރެއެވެ. އެއީ ނަރުހުންގެ 16 އިންސައްތައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް