"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ރައީސް އޮފީހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ އަދަދު ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާތީ އާއި އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ އިތުރުން ރައީސްގެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް އިއްޔެއިން ފެށިގެން ނުވައްދަން ނިންމާފައިވާ ކަމަށެވެ.



