ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ފެށި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިއާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށެވެ.
ވަޒީރު ވިދާޅުވީ އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ވަސީލަތެއް ކަމަށާ އިންޑިއާ ކަނޑުގެ މުސްތަޤުބަލު ބިނާވެފައިވަނީ، އެކަކު އަނެކަކަށް އިތުބާރުކޮށް، އިންސާފުވެރިކަމާއެކު، އަދި އެންމެންގެ ޒިންމާއެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ.
މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ، އައްސޭރިފަށުގެ މުޖުތަމަޢުތަކާއި، ކާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ އާމްދަނީގެ އިތުރުން، ދުނިޔޭގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ މި އަހަރުގެ އަހަރީ ބައްދަލުވުން ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ.



