އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ހުޅުވައިފި

އެމްއެންޑީއެފް ސަރވިސް ކޯރގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މުއައްސަސާ އިފްތިތާޙްކޮށްދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

ބ. ކިހާދޫގައި ބިނާކޮށްފައިވާ މި ސްކޫލަކީ ސިފައިންގެ ފަންނީ ހުނަރުވެރިކަމާއި އިލްމީ ފެންވަރު މަތިކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހާމަކުރެއެވެ. މިއީ ރާއްޖޭގައި ސިފައިންގެ ފަންނީ ތަމްރީނުތަކަށް ޚާއްޞަކޮށްގެން ހުޅުވުނު މިފަދަ ފުރަތަމަ މަރުކަޒެވެ.

މި ސްކޫލް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" މަޝްރޫޢުގެ ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 65 ދަރިވަރުން މިތަނުގައި ތަމްރީނު ހޯދަމުންދާއިރު، އޭގެ ތެރޭގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ހިމެނޭ ކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ސްކޫލުގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި އުޅަނދުފަހަރާއި އިންޖީނުގެ މަސައްކަތްތަކާއި، ކަރަންޓާއި އޭސީ މަރާމާތުކުރުމުގެ އިތުރުން ވެލްޑިންގ އަދި އޮފީސް މެނޭޖްމަންޓް ހިމެނެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ފެންވަރަށް ހިންގާ މި ހަތަރު މަސްދުވަހުގެ ކޯސްތަކަކީ ދަރިވަރުން ވަޒީފާގެ މައިދާނަށް ތައްޔާރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް