ދިވެހިރާއްޖޭގެ ޚާރިޖީ އުސޫލުތަކާ ފުށުއަރާ ގޮތަށް އަދި އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާފާނެ ފަދަ މޭރުމަކުން ވާހަކަ ނުދެއްކުމަށް އެދި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ސަރުކާރުން ނުސީދާ އިންޒާރެއް މިއަދު ދީފިއެވެ.
ޚާރިޖީ ވުޒާރާއިން މިފަދަ ބަޔާނެއް ނެރުނީ، ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ އޮތް ގުޅުން ކަނޑާލާފައި ވަނިކޮށް، އެ ގައުމުން އަލުން މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އިންޑިއާގައި ބޭއްވި އިންޑިއަން އޯޝަން ޑައިލޮގަށް ފަހު އެނބުރި ވަޑައިގެން ނަޝީދު ވިދާޅުވީ މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ސުލްހަވެރި ހައްލަކަށް ވާހަކަދެއްކެވި ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފުމަށް ސަރުކާރަށް ބާރުއަޅުއްވާ ކަމަށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ގައުމީ ސިޔާދަތާއި މަސްލަހަތު ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ "ދިވެހިރާއްޖެ އިސްކުރުން" ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތުކަން އެ މިނިސްޓްރީން ހަނދާންކޮށްދިނެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ދައުލަތުގެ ޚާރިޖީ ކަންކަން ނިންމަނީ ކަނޑައެޅިފައިވާ ރަސްމީ ނިޒާމުތަކުގެ ތެރެއިންނެވެ. ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ނޭދެވޭ އަސަރު ގައުމަށް ކޮށްފާނެ ކަންކަން ކަމަށާއި، އެފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަން އިތުރުކޮށްދޭ ވާހަކަތަކަށް ވާންޖެހޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށް، ދިވެހިންގެ ކަރާމާތާއި މިނިވަންކަން ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމަށް ކަމަށް ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ.



