ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިސޯޓާ ދެމެދު އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:55 ހާއިރުއެވެ. މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.




