ކުރިއަށް އޮތް ހަ މަސްދުވަހު ދިވެހި ސަަރުކާރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ކުރުމަށް ރާވާފައި އޮތް މަސައްކަތަކީ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ބައޯމެޓްރިކް ޑާޓާ ނުދީ ތިބި ބިދޭސީން ހޯދައި ޑީޕޯޓުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި ބިދޭސީން ތިބި އަދަދާއި އެމީހުން ދިރިއުޅޭ ތަންތަނާއި އެމީހުން ކުރާ މަސައްކަތް ދިވެހި ސަރުކާރުގައި ރެކޯޑުކުރެވި ބެލެހެއްޓެމުންނުދެއެވެ. އެކަން ބަދަލުކުރެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާއެކު ރާއްޖޭގައި ތިބި ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ދިހަ އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ބައޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް ފެށިއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައި ނިމިފައިވާ ކަމަށް ރައީސް މިއަދު އެކްސްގަައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ 17 ނޮވެންބަރުގައި ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައޯމެޓްރިކް ޑޭޓާ ނެގިފައި އޮތީ އެންމެ 13 އިންސައްތަ މީހުންގެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ދެން އޮތް މަރުހަލާގެ ތަފުސީލު މިއަދުގެ ޕޯސްޓުގައި އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަރުހަލާގެ ދަށުން ކުރިއަށް އޮތް ހަ މަސްދުވަހު ކުރިއަށްގެންދާނެ މަސައްކަތަކީ ބައޯމެޓްރިކް ޑޭޓާަ ނުދީ ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ހޯދައި، އެމީހުން ރާއްޖެއިން ޑީޕޯޓުކުރުމުގެ ހާއްސަ މަސައްކަތެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބައެއްގެ ބައޯމެޓްރިކް ޑޭޓާ ނަގާފަައިވާއިރު، ރައީސްްގެ ވެރިކަމުގައި 11،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓުކުރިއެވެ. މި ވެރިކަމުގެ ކުރީ ފަސް އަހަރު ޑީޕޯޓުކުރެވުނީ 2،400 އެއްހަައި ބިދޭސީންނެވެ.



