ބުކްލެޓު ހުސްވުމުން އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

ދިވެހިރާއްޖޭގެ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންވާ ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށެވެ.

މިއީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އާންމުކޮށް ދޫކުރާ އީ-ޕާސްޕޯޓުގެ އަގަކީ 1,000 ރުފިޔާ ނަމަވެސް، މިހާރު ދޫކުރަން ނިންމާފައިވާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ނަގާނީ 600 ރުފިޔާއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މި ދުވަސްވަރު ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން، އަލުން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް "ކެންސެލޭޝަން ފީ" އަކާ ނުލައި އެ ހިދުމަތް ފޯރުކޮށްދޭނެއެވެ. މިއީ ކުރިން ނަމަ އިތުރު ފީއެއް ދައްކަންޖެހޭ ކަމެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް